Tuesday, 28 July 2026
ފޮޓޯ: ދަރިވަރު

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ދިވެހި ރުއް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވަނީ

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް (އެޗްސީއޭ) އިން އިސްނަގައިގެން ބާއްވާ ދިވެހި ރުއް އިންދުމުގެ ގައުމީ ހަރަކާތެއް ހުޅުމާލެ ފޭސް 2 ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ހަރަކާތަކީ ދުނިޔޭގެ އެންވާޔަރަންމަންޓް ޖަމިއްޔާގައި ރަޖިސްޓްރީ ކުރެވިގެން ކުރިއަށްގެންދާ ބައިނަލްއަގުވާމީ ފެންވަރުގެ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 17:30 އަށް ހުޅުމާލެ ފޭސް 2 ގެ ހުސް ބިމެއްގައެވެ. ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސްއިން ބުނި ގޮތުގައި، މި ހަރަކާތުގެ މައުލޫމާތު މިހާރު ވަނީ ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީއާ ހިއްސާކުރެވިފައެވެ. އަދި މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

މި ހަރަކާތުގައި އެންވާޔަރަންމަންޓް މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި "5 މިލިއަން ގަސް" ޕްރޮޖެކްޓް ކޮމެޓީންވެސް ބައިވެރިވެއެވެ. މީގެ އިތުރުން ހުޅުމާލޭގެ 5 ސްކޫލެއް ކަމަށްވާ ރެހެންދި ސްކޫލް، ޣާޒީ ސްކޫލް، ހުރަވީ ސްކޫލް، ސަލާޙުއްދީން ސްކޫލް އަދި ޝަހީދު އަލީ ސްކޫލުން މި ހަރަކާތުގައި ބައިވެރިވާނެއެވެ. އަދި ގާލްގައިޑް އެސޯސިއޭޝަނާއި މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ދަރިވަރުންނާއި މެންބަރުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ އެކި މުއައްސަސާތަކުންވެސް މި ހަރަކާތުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި އެޗްޑީސީ، ވެމްކޯ، އެގްރޯ ނެޓް، އުރީދޫ މޯލްޑިވްސް، އެޗް78، ބޮނަކުއާ، ޓާސްކިން އަދި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެއެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ އުރީދޫ މޯލްޑިވްސްއިންނެވެ.

މި އިވެންޓުގެ ޕާޓްނަރުންގެ ގޮތުގައި އެޗްޑީސީ އާއި 5 މިލިއަން ގަސް ޕްރޮޖެކްޓް ކޮމެޓީ ހަމަޖައްސާފައިވާއިރު، ޑްރިންކްސް ޕާޓްނަރަކީ ބޮނަކުއާއެވެ. އަދި މީޑިއާ ޕާޓްނަރަކީ އެސް.އެސް ޓީވީއެވެ. މި ހަރަކާތުގައި ސްކޫލްތަކާއި އެކި މުއައްސަސާތަކުން ޖުމުލަ 1000 އަށްވުރެ ގިނަ މީހުން އަމަލީ ގޮތުން ގަސް އިންދުމުގެ މަސައްކަތުގައި ބައިވެރިވާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *