ރާއްޖެއިން ފަރުވާ ލިބެން ހުރި ނަމަވެސް، ބަލިމީހާގެ ހާލަތަށާއި ފަރުވާ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ބަލައި އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރަށް ފޮނުވޭ ގޮތަށް އާސަންދަ ސްކީމް ހިންގާ ގަވާއިދު އިސްލާހުކޮށް އިއްޔެ އާންމުކޮށްފިއެވެ.
ކުރިން އަމަލުކުރި އުސޫލުގެ ދަށުން އާސަންދައިގެ އެހީގައި ބޭރަށް ފޮނުވަނީ ހަމައެކަނި ރާއްޖޭގައި ކުރެވެން ނެތް ފަރުވާތަކަށެވެ. އެހެންނަމަވެސް، ސަރުކާރުން މިހާރު ވަނީ މި އުސޫލު ލުއިކޮށް، އާންމުންނަށް ބޭސްފަރުވާގެ ކަންކަމުގައި އިތުރު ފަސޭހަތަކެއް ހަމަޖައްސައިދީފައެވެ.
އާސަންދަ ގަވާއިދަށް އަލަށް ގެނައި ބަދަލުގައިވާ ގޮތުން، ރާއްޖޭގައި ފަރުވާ ހުރި ނަމަވެސް ބަލީގެ ބާވަތާއި، ބަލިމީހާގެ ސިއްހީ އަދި އިޖުތިމާއީ ހާލަތުގެ އިތުރުން ފަރުވާ ލިބުމުގައި ހުރި ދަތިތަކަށް ރިއާޔަތްކޮށް ބޭރަށް ފޮނުވުމުގެ ހުއްދަ ދެވޭނެއެވެ.
މީގެ އިތުރުން، އަތޮޅުތެރެއިން މާލެ އައިސް ބޭރަށް ފަރުވާއަށްދާ މީހުންނަށް ދެވޭ އެހީތެރިކަން ވެސް ވަނީ ފުޅާކޮށްފައެވެ. އެގޮތުން، އިތުރު ފަރުވާއެއް ދެވެން ނެތް ކަމަށް ޑޮކްޓަރުން ލަފާދޭ ހާލަތްތަކުގައި، ބަލިމީހާ އެނބުރި ރަށަށް ދިއުމާ ހަމައަށް ހިނގާ ހަރަދުތައް ވެސް މިހާރު އާސަންދައިން ހަމަޖައްސައިދޭނެއެވެ.
މި އިސްލާހާއެކު، ކުރިން އެންސްޕާގެ ބަޖެޓުން ހަމަޖައްސަމުން އައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ވީލްޗެއާ އަދި ހިއަރިން އެއިޑް ފަދަ ތަކެތި މިހާރު އާސަންދަ ސްކީމްގެ ދަށުން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
ބޭސްފަރުވާގެ އެހީ ހޯދުމުގައި އެންސްޕާ މެދުވެރިކޮށް ކުރިން ދިމާވި ލަސްތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގެނައި މި ބަދަލަކީ ބަލިމީހުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


