ފުލުހުން ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު، މިދިޔަ ހަފުތާގައި ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 126,489 ރުފިޔާ ވަނީ ގެއްލިފައެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 52,346 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. މިގޮތުން އޮންލައިން ވިޔަފާރީގެ 17 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 4 ސްކޭމެއްވެސް ފާއިތުވި ހަފުތާގައި ވަނީ ފާހަގަކުރެވިފައެވެ.
ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވަމުން ފުލުހުން ވަނީ ބުކިންޑޮޓްކޮމްގެ ނަމުގައި ފައިސާ އަތުލުމަށް އާ ފިޝިން ލިންކުތަކެއް ފޮނުވަމުންދާކަމުގެ އިންޒާރު ދެއްވާފައެވެ.
މިފަދަ ލިންކުތަކަށް ކްލިކް ނުކުރުމަށާއި، ބޭންކް އެކައުންޓް އަދި ކާޑުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.


