ބާޒާރުގައި ފިޔާ ލިބުމުގެ ދަތިކަމެއް އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން، ރާއްޖޭގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން އެކަން ދޮގުކޮށްފިއެވެ. އެސްޓީއޯއިން ހާމަކުރި ގޮތުގައި އެ ކުންފުނީގައި ފިޔާގެ އެކަށީގެންވާ ސްޓޮކެއް އެބަހުއްޓެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ފިޔާ ވިއްކަމުންދާ އަގަށް ވެސް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި ސްޓޮކް އިތުރުކުރުމަށްޓަކައި ފިޔާގެ އިތުރު ޝިޕްމެންޓެއް ވެސް އައުމުގެ މަގުމަތީގައިވާ ކަމަށް އޮފިޝަލު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމުތައް ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ. މީގެ މަގުސަދަކީ ދުނިޔެއަށް ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުގެ އަސަރު ރައްޔިތުންނަށް ކުރިޔަ ނުދިނުމެވެ.
ސަރުކާރުގެ އަމާޒަކީ ބާޒާރުގައި އަސާސީ ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް ކާބޯތަކެތީގެ ރިޒާވް ވަރުގަދަކޮށް، ރައްޔިތުންނަށް ދަތިނުވާނެހެން މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.


