ށ. މިލަންދޫގައި ފައިބަރ މަސައްކަތް ކުރާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 ޖޫން 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އެ ރޭގެ 23:09 އެހައިކަންހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ އެ ރޭ ދަންވަރު 01:00 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެތަނުގައި ހުރި ގިނަ ތަކެއްޗަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އޭގެ ތެރޭގައި ތިން ޑިންގީއަކާއި، ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑުތަކެއްގެ އިތުރުން ފައިބަރ މަސައްކަތް ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެއްޗާއި މުޅި އިމާރާތަށް ވަނީ ގެއްލުން ލިބިފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


