ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި، ކުރިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. މި އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށްވާއިރު، ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިތުރު ބުރެއް ބާއްވަން ޖެހުނީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށުގައި ބެހެއްޓި ވޯޓު ފޮށްޓެއްގެ ސައްޙަކަމާ މެދު ކޯޓުން ކުރި ޙުކުމަކާ ގުޅިގެން، ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި މުއްދަތުގައި ރީ-ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭނީ ހަމައެކަނި ކުރިން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތައް އެކަނި ކަމަށެވެ.
ވޯޓުލާ ތަން ބަދަލުކުރުމަށް އެދި ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ. މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ވެރިފައިޑް އީފާސް އެކައުންޓެއް ބޭނުންވާނެ ކަމަށާއި، އެގޮތަށް ހުށަހަޅާއިރު އައިޑީ ކާޑުގެ ކޮޕީ ނުވަތަ ފޮޓޯ ހުށަހަޅަން ނުޖެހޭނެ ކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. ނަމަވެސް ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާނަމަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ.
މީގެ އިތުރުން، ރިސޯޓުތަކާއި ޖަލުތަކުގައި ނުވަތަ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ވޯޓުލާ ތަން މިހާރު ހުންނާނީ އެމީހެއްގެ ދާއިމީ އެޑްރެހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ. އަދި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ވޯޓުލާން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ވޯޓުލާ ތަނެއްގެ ގޮތުގައި މި އިންތިޚާބުގައި ކަނޑައަޅާފައިވަނީ މާލެއެވެ.


