Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ަރއީސް އޮފީސް

ނަމާދު ގަޑިތަކުގައި ކުޅިވަރު ނުކުޅޭވޭ ގޮތް ހަދަނީ

ނަމާދު ގަޑިތަކުގައި ކުޅިވަރު ކުޅުން މެދުކަނޑާލައި، އެ ވަގުތުތަކުގައި ނަމާދަށް އިސްކަންދޭނެ އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ އިސްލާމްދީނާއި ގާނޫނުއަސާސީގެ ހަމަތަކަށް އަމަލީ ގޮތުން އިސްކަންދޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުޅިވަރުގެ މައިދާންތަކުގައި ހަރަކާތްތެރިވާއިރު ނަމާދު ވަގުތު ޖެހި، ވަގުތު ފާއިތުވެގެންދާއިރު ވެސް ކުޅިވަރު ކުޅުމުގައި ދެމިތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ގަސްދުގައި ނޫން ނަމަވެސް މިހާރު ކަންކަން ހުރި ގޮތުން އެފަދަ ހާލަތްތައް މެދުވެރިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ހުރިހާ ދާއިރާއެއްގައި ވެސް ދީނީ ކަންކަމަށް އަމަލީ ގޮތުން އިސްކަންދެވޭނެ މާހައުލެއް އޮންނަންޖެހޭ ކަމަށެވެ.

މި ސިޔާސަތުގެ ދަށުން، ސަރުކާރުން އަލަށް ބިނާކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި، އެކުވެނި ފަދަ ކުޅިވަރު ކުޅޭ މައިދާންތަކުގައި ވުޟޫކޮށް ނަމާދު ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ފެސިލިޓީތައް ގާއިމުކުރުމުން ކުޅުންތެރިންނަށް ނަމާދު ވަގުތުތަކުގައި ފަސޭހަކަމާއެކު އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ނިންމެވުމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނަމާދު ގަޑިތަކުގައި ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުމާއި ފެސިލިޓީތައް ތަރައްގީކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަޝްވަރާތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެކަންކަން އަމަލީ ގޮތުން ތަންފީޒު ކުރުމުގެ މަރުހަލާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *