ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ. މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ސަރުކާރު ހިންގާ ޕީއެންސީން ހުށަހަޅާފައިވަނިކޮށް، އޭނާ އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ސަލީމްގެ ނަން ހުށަހެޅިއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ނައިބު ރައީސް ކަމަށް ހުށަހެޅީ ޒިޔާދުގެ ނަމެވެ. ޕީއެންސީގެ ތެރޭގައި މި މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޖީ ލީޑަރު އިބްރާހިމް ފަލާހާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހިމެނިވަޑައިގެންނެވި ނަމަވެސް، ރޭގެ ވަގުތެއްގައި އެ ޕާޓީން ވަނީ ސަލީމް ކުރިމަތިލެއްވުމަށް އެއްބަސްވެފަ އެވެ.
ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި، ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
މި ކޮމިޓީ އެކުލަވާލާފައިވަނީ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ހުށަހަޅުއްވައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ތާއީދު ކުރެއްވި ލިސްޓާ އެއްގޮތަށެވެ. މަޖިލީހުގެ ނައިބު ރައީސް އައްޔަން ކުރުމުގެ ވޯޓުލުން މިއަދުގެ ޖަލްސާގައި ކުރިއަށްދާނެ އެވެ.


