ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ޝައުގުވެރިކަން ނެތް ކަމަށާއި، އެ މަގާމަށް ވާދަނުކުރައްވާނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ނާޒިމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ދެން އަންނާނެ ބޭފުޅަކާ މެދު ޕީއެންސީގެ ތެރޭގައި ވަނީ މަޝްވަރާތައް ފެށިފައެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ ޕީއެންސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މަގާމަށް ގެނައުމަށް އެންމެ ބޮޑަށް ވާހަކަދެކެވެމުންދާ ބޭފުޅުންގެ ތެރޭގައި ފަލާހުގެ ނަން ހިމެނެއެވެ. ފަލާހުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް (ޓޮމް) އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ނަން ވެސް އަންނަނީ ދެކެވެމުންނެވެ.
ނަމަވެސް، މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއް ނުކުރަން" ކަމަށެވެ. އޭނާ ވަނީ އެ މަގާމަށް ވާދަކުރައްވާ ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތަކަށް ސަމާލުވުމަށް ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު މެންދުރު ޖަލްސާއެއް ބޭއްވުމަށް ކުރިން ތާވަލުކުރި ނަމަވެސް، މިހާރު ވަނީ އެ ޖަލްސާ މާދަމާއަށް ފަސްކޮށްފައެވެ.


