ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކު ހޮވުމަށް މިއަދު މެންދުރު 1:00 އަށް ތާވަލްކުރި ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ. މި ޖަލްސާ ފަސްކުރި ސީދާ ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައި ނުވާއިރު، މަޖިލީހުގެ މި ދައުރު ދަންމާލާފައިވަނީ ވެސް ނައިބު ރައީސަކު ހޮވުމުގެ މައްސަލައަށް ގޮތެއް ނިންމުމަށެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ހެނދުނު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނު 9:00 އަށް ތާވަލްކޮށްފައިވާ ޖަލްސާ ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.
ވެރިކަން ކުރާ ޕީއެންސީން ނާޒިމް ވަކިކުރަން ހުށަހެޅީ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، މަގާމުން ދުރަށް ވަޑައިގަތީ މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ހިމެނެއެވެ.


