ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ހުރިހާ ސްކައުޓުންނަށާއި މި ހަރަކާތުގެ އިސް ބޭފުޅުންނަށް ތަހުނިޔާ އާއި މަރުހަބާ ފޮނުއްވައިފިއެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ސްކައުޓް ހިދުމަތް ފެށުމުގައި އިސްނެންގެވި ލީޑަރުންނަށާއި، ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި މި ހަރަކާތް ދެމެހެއްޓުމުގައި ބައިވެރިވި ހުރިހާ ސްކައުޓުންނަށް ޝުކުރާއި ސާބަސް ދަންނަވާ ކަމަށެވެ. އަދި ގައުމު ގޮވައިލި ކޮންމެ ވަގުތަކު ސްކައުޓުން ވަމުންދާ ގުރުބާނީއާއި، އެއްވެސް އުޖޫރައެއް ނެތި ދަރުމައަށް ކޮށްދެމުންދާ ހިދުމަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ސްކައުޓް ހަރަކާތަކީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެބޮޑު ވޮލަންޓްރީ ހަރަކާތްވެސްމެ،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ސްކައުޓް ހަރަކާތުގެ ސަބަބުން ދިވެހިންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް އުނގަންނައިދީ، ހަރުދަނާ ދަރިންތަކެއް ގައުމަށް ބިނާކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ ރަށްތަކުގެ ގުޅުން ބަދަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަގުވާމީ ދުނިޔެއާ ރާއްޖެއާ އޮތް ގުޅުން ވަރުގަދަކޮށްދޭ ބާރެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، ގައުމީ ހިދުމަތުގައި ސްކައުޓުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއަޅުއްވަމުންނެވެ. އެމަނިކުފާނު ވަނީ ދިވެހި ސްކައުޓް ހަރަކާތަށް ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.


