Tuesday, 28 July 2026
ދުވާފަރުގައި އެސްޓީއޯ ފިއުލްސްކިޑް ގާއިމުކުރުން---ފޮޓޯ: ރައީސްއޮފީސް

މި އީދަށްފަހު މ އަތޮޅުގައި ފިއުލް ސްޓޭޝަނެއް ގާއިމު ކުރަނީ

މި އަހަރުގެ އަޟްޙާ އީދުގެ ފަހުން މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ގާއިމުކުރެވޭނެ ކަމަށާއި، އެއާއެކު ރާއްޖޭގެ މަސްވެރި ހުރިހާ ސަރަހައްދަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް، މަސްވެރިންނަށް އެކަމުގެ ތަކުލީފު ކުޑަކޮށްދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަސްވެރިކަމަކީ އާއިލާތަކާއި މުޅި މުޖުތަމައާ ގުޅިފައިވާ މަސައްކަތަކަށް ވާތީ، ތެލުގެ އަގަށް ލުޔެއް ދިނުމަކީ މަސްވެރިންނަށް ލިބުނު ބޮޑު އުންމީދެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މީގެކުރިން މިފްކޯއިން ތެޔޮ ފޯރުކޮށްދިން ނަމަވެސް، މަސްވެރިން އެދެމުންދަނީ ސީދާ ތެޔޮ އެތެރެކުރާ ކުންފުނި ކަމަށްވާ އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މެދުވެރިކޮށް ތެޔޮ ހޯދުމަށެވެ. އެހެންކަމުން، އެސްޓީއޯއާ ގުޅިގެން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޭޝަންތައް ބިނާކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ވަޒީރު ވިދާޅުވީ މިވަގުތު ތެޔޮ ލިބުމުގެ ދަތިކަން ކޮންމެވެސް މިންވަރަކަށް އޮތީ މ. އަތޮޅުގައި ކަމަށާއި، ނަމަވެސް އެ އަތޮޅުގައި ސްޓޭޝަނެއް ގާއިމުވުމުން އެ މައްސަލައަށް ޖުމުލަ ހައްލެއް އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ބައެއް ފަހަރު ބޯޓު ފަހަރުގައި އެނގިވަޑައިގަންނަވާނެ މިތާ ޖެހިގެން ހުރި އަތޮޅުތަކުން ތެޔޮ ލިބޭތީއާ އެކީގައި، އެކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް އެހާ ބޮޑެއްނޫން. އެހެންނަމަވެސް މަދުންނަމަވެސް މި ޝަކުވާ އަންނާތީއާ އެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އީދަށް ފަހު ދާއިމީ ހައްލަކަށް އަޅުގަނޑުމެން މިވިސްނަނީ މީމު އަތޮޅަށްވެސް. އެހެންވެއްޖެ ކަމުގައިވާނަމަ އަޅުގަނޑުމެންނަށް ގާތްގަޑަކަށް މަސްވެރި ހުރިހާ އަތޮޅެއް ކަވަރު ކުރެވުނީ،" ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންނަށް އެސްޓީއޯގެ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. ކުރިން ހަތަރު ސަރަހައްދަކުން މަސްވެރިންނަށް ތެޔޮ ލިބުނު ނަމަވެސް، މިހާރު ވަނީ އިތުރު ނުވަ ސަރަހައްދެއްގައި އެ ޚިދުމަތް ފަށާފައެވެ. މި ސިޔާސަތުގެ ދަށުން މިހާތަނަށް މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *