Tuesday, 28 July 2026
ޝަހުޒާން އާއި ލީވާން---ފޮޓޯ:އަދަދުނޫސް

އަދަދު ނޫހުގެ ދެ ނޫސްވެރިންގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި

"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ކުރި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ. މި ދެ ނޫސްވެރިންގެ މައްޗަށް ހުކުމް ކުރީ ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފުވި ކަމަށް ބުނެއެވެ.

ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ހުކުމްކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށްލާން ހުކުމް ކުރީ އެ އަމުރާ ގުޅޭ ހަބަރު ލިޔުނު ގޮތުން ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ. މިހާރު މި ދެ ނޫސްވެރިން ވެސް ވަނީ ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވެފަ އެވެ.

މި މައްސަލަ އިސްތިއުނާފު ކުރުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ޝަރީއަތުގެ ޑިއު ޕްރޮސެސް ކުރިއަށް ނުގެންދިޔުމާއި، އެކަށީގެންވާ ގޮތެއްގައި ހެއްކަށް ރިއާޔަތް ނުކުރުމުގެ އިތުރުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ނުދިނުމެވެ. މީގެ އިތުރުން އިސްތިއުނާފު މައްސަލައިގެ ތެރެއިން ޖަލު ހުކުމް ފަސްކުރުމުގެ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.

ކްރިމިނަލް ކޯޓުން ނެރުނު "ގެގް އަމުރު" ގައި އަންގާފައިވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައިވާ ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. މި އަމުރު ނެރުނީ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ދައުލަތުން އެފަދަ އަމުރަކަށް އެދުމުންނެވެ.

މި އަމުރު އިސްތިއުނާފު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތް ނަމަވެސް، ފިޔާޒުގެ ފަރާތުން ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *