އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ރީރަޖިސްޓްރޭޝަނާއި ކުރިން ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބަދަލުތަކެއް ގެނެސް، އެ ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. މި ބަދަލުތަކާ ގުޅިގެން އާ ޝަކުވާ ހުށަހެޅުމަށް އަންނަ ބުދަ ދުވަހުގެ 14:00 އާ ހަމައަށް ފޯމު މެދުވެރިކޮށް މިހާރު ވަނީ ފުރުސަތު ދީފައެވެ.
އެމްޑީޕީން ފާހަގަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ހުށަހެޅޭނީ ހަމައެކަނި އަލަށް ގެނެވުނު ބަދަލުތަކާ ގުޅޭ ޝަކުވާތަކެވެ. އަދި ކުރިން ހުށަހަޅާފައިވާ ޝަކުވާއެއް އަލުން ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ.
މި އިންތިޚާބަކީ ޕާޓީގެ އެތެރޭގައި ވަރަށް ބޮޑަށް ވާދަވެރިކަން އުފެދިފައިވާ އިންތިޚާބެކެވެ. އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ. މި ދެ ބޭފުޅުންގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރީގައި ކުރިއަށްދާއިރު، ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ ދެ ފަރާތަކަށް ބެހިފައެވެ.
އެގޮތުން، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ތާއީދުކުރައްވަނީ ރައީސް ނަޝީދަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތާއީދުކުރައްވަނީ މީކާއީލް އަޙްމަދު ނަސީމަށެވެ.


