އީދުގެ އުފާ ފާހަގަކުރުމުގައި އިސްލާމީ ރިވެތި އަޚުލާޤުގެ އިމުގެ ތެރޭގައި ހަރަކާތްތައް ބޭއްވުމަށާއި، މުންކަރާތްތަކުން ދުރުހެލިވުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ހިމެނޭ ޖަމްއިއްޔާއެއް ކަމަށްވާ އިލްމުވެރިންގެ ގުޅުމުން އިލްތިމާސްކޮށްފިއެވެ.
އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމްދީނުގައި އީދުތަކަކީ މާތް ﷲ ދެއްވި ބޮޑުވެގެންވާ ނިއުމަތެއް ކަމަށާއި، އެއީ އަޅުކަންތަކަށްފަހު އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން ދެއްވާފައިވާ މަތިވެރި ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން އީދު ފާހަގަކުރަންވާނީ މާތް ﷲ ގެ މަތިވެރިކަން ހަނދުމަކޮށް، ދީނީ މިންގަނޑުތަކުގެ ތެރޭގައި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޢީދު ފާހަގަކުރުމުގެ ނަމުގައި އަންހެނުންނާއި ފިރިހެނުން މަސްހުނިވެ، ފާހިޝް ކަންތައްތަކަށް އަރައިގަތުމަކީ ދުވަހުގެ ހުރުމަތް ކަނޑާލުން ކަމަށް އިލްމުވެރިން ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ފޯރީގައި ފަރުޟު ފަސް ނަމާދަށް ފަރުވާކުޑަ ނުކުރުމަށާއި، އުރެދުންތަކަށް މަގުފަހިވާ ކަންކަމުން ދުރުހެލިވުމަށް ވެސް އެ ޖަމްއިއްޔާއިން ވަނީ ނަސޭހަތްތެރިވެފައެވެ.
ސަރުކާރުގެ އިދާރާތަކާއި، ކައުންސިލްތަކުން އީދު ހަރަކާތްތައް ރާވާއިރު ދީނީ މިންގަނޑުތަކަށް ފެތޭނެހެން ކަންކަން އިންތިޒާމު ކުރުމަށް އިލްމުވެރިންގެ ގުޅުމުން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ބެލެނިވެރިން ވެސް އެބޭފުޅުންގެ ދަރިން ބައިވެރިވާ ހަރަކާތްތަކަކީ ދީނީ އިމުގެ ތެރޭގައި ހިންގާ ހަރަކާތްތަކެއްތޯ ބަލައި ފާރަވެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އިލްމުވެރިން ބުނި ގޮތުގައި ޢީދަކީ ހަމައެކަނި ކުޅިވަރާއި މަޖަލެއް ނޫނެވެ. އެއީ ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމާއި، ހަދިޔާ ބަދަލުކުރުމުގެ އިތުރުން ފަޤީރުންނަށް އެހީތެރިވެ، މުސްލިމުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭ މުހިންމު ދުވަސްތަކެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.


