Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) -- ފޮޓޯ: ރައީސް އޮފީސް

"މާލެ ޓެކްސީ" ގެ ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ: ސަރުކާރުގެ ތަރުޖަމާން

ސަރުކާރުން އަލަށް ތައާރަފްކުރި "މާލެ ޓެކްސީ" ގެ ހިދުމަތަކީ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކާމިޔާބު ހިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކޮންމެ ހަފްތާއަކު ބާއްވާ "ޕްރެސް ވިތް ސްޕޮކްސް" ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މުންދު ވިދާޅުވީ މިއީ މުޅިން އަލަށް ފެށި ހިދުމަތަކަށް ވީނަމަވެސް، މިހާތަނަށް ލިބެމުންދާ ހިޔާލުތައް ވަރަށް އުންމީދީ ކަމަށެވެ. ހާއްސަކޮށް ހިދުމަތް ފެށިގެން އައި ދުވަސްވަރު އިސްލާހުކުރަން ހުރި ކަންކަން ފާހަގަކުރެވުނު ނަމަވެސް، މިހާރު ހިދުމަތުގެ ފެންވަރު ރަނގަޅުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ފެށިގެން އަދި މާގިނަ ދުވަސްތަކެއް ނުވާ ހިދުމަތެއް. އެކަމަކު ފެށުމަކާ ބަލާފަ މި ހިދުމަތަށް ލިބޭ ފީޑްބެކް ވަރަށް ރަނގަޅު،" މުންދު ވިދާޅުވިއެވެ. މީގެ އިތުރުން ޓެކްސީ ޑްރައިވަރުންގެ އަހުލާގާއި ޕްރޮފެޝަނަލިޒަމަށް އާންމުން މީސްމީޑިއާގައި ތައުރީފު ކުރަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ތަރުޖަމާން ވިދާޅުވީ، މަގުމަތީގައި ބޭނުން ނުކޮށް ގިނަދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ މި ހިދުމަތަކީ ސަރުކާރުން އިހުލާސްތެރި ނިޔަތެއްގައި ފެށި ހިދުމަތެއް ކަމަށާއި، ދުވަހުން ދުވަހަށް މި ހިދުމަތަށް އޮތް ޑިމާންޑު އިތުރުވަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *