Tuesday, 27 October 2026
މަރުވި އިޓަލީގެ 5 ޑައިވަރުންނާއި، އެމީހުން ތިބިކަމަށް ބެލެވޭ ހޮހޮޅަ ހުރި ސަރަހައްދު -- ފޮޓޯ: ދަ ސިޑްނީ މޯނިންގް ހެރަލްޑް

ފީނަނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މި މަހުގެ 14 ވަނަ ދުވަހު މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު މިއަދު ފަތިހު އެ ގައުމަށް ފޮނުވާލައިފިއެވެ. މި ހާދިސާގައި މަރުވި އެމީހުންގެ އިންސްޓްރަކްޓަރުގެ ހަށިގަނޑު މީގެ ކުރިން ވަނީ ފޮނުވާލާފައެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

މި ހާދިސާގައި މަރުވެފައިވަނީ މޮނިކާ މޮންޓެފަލްކޯން (52އ)، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނިނޯ (31އ) އަދި ފެޑެރީކޯ ގުއަލްޓިއަރީ (31އ) އެވެ. މި ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 165 ފޫޓު އަޑީގައިވާ ހޮހަޅައިގެ ތިންވަނަ ޗެމްބަރުގެ ދޮރުމަތިންނެވެ. އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ (44އ) ގެ ހަށިގަނޑު ފެނުނީ އެ ޗެމްބަރަށް ވަންނަ ދޮރު ކައިރިންނެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި އިޓަލީން މި ޑައިވަރުންގެ އޮޓޮޕްސީއެއް ހަދާނަމަ، އެ ނަތީޖާތައް ދިވެހި ފުލުހުންނާ ހިއްސާކުރާނެއެވެ. މިއީ ދެ ގައުމުން ވެސް މި ހާދިސާއާ ގުޅިގެން ތަފާތު ތަހުގީގުތަކެއް ކުރިއަށް ގެންދާތީ ނިންމާފައިވާ ގޮތެކެވެ. މަރުވި ފަސް މީހުންނަކީ ވެސް ތަޖުރިބާކާރު ޑައިވަރުން ކަމަށްވީ ނަމަވެސް، އެކަށީގެންވާ އާލާތްތަކާ ނުލައި އެހާ ފުނަށް ފީނި ސަބަބު ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ފިންލެންޑުގެ ޑައިވަރުންގެ ޓީމަކުން ވަނީ ކަނޑުއަޑިން ބައެއް ޓެކްނިކަލް އާލާތްތަކާއި ގޯޕްރޯ ކެމެރާތައް ނަގައިފައެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި ޔޫރަޕުގެ ޑޭން ކުންފުނިން އިސް ދައުރެއް އަދާކޮށްފައިވާ އިރު، މި ތަކެތިން ހާދިސާ ހިނގި ގޮތުގެ އިތުރު ތަފްސީލު ލިބޭނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *