ދައުލަތުގެ ހަރަދުތައް ކުޑަކުރަންޖެހިފައިވާ ދަނޑިވަޅެއްގައި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންނަށް 41،000 ރުފިޔާގެ މުސާރައެއް ދޭން ޕޭ ކޮމިޝަނުން ފުރަތަމަ ނިންމުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، އެ އަދަދު 33،000 ރުފިޔާއަށް ކުޑަކުރުމަށް ނިންމައިފިއެވެ.
ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަށް މި ގެނެވުނު ބަދަލާއެކުވެސް، މިއީ ކުރިން އެ މަގާމުތަކަށް ލިބެމުންދިޔަ 7،000 ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، ރަށްރަށުގެ ޑަބްލިއުޑީސީ ރައީސުންނަށް ދޭން ނިންމާފައިވާ 21،000 ރުފިޔާގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިއީ ކުރިން ލިބެމުންދިޔަ 6،000 ރުފިޔާއާ އަޅާބަލާއިރު 15،000 ރުފިޔާގެ ބޮޑުވުމެކެވެ.
ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް ފާހަގަކުރެއްވި ގޮތުގައި، މިއީ އަންހެނުންގެ ކޮމިޓީތަކުގެ ތާރީހުގައި އައި ވަރަށް ހެޔޮ ބަދަލެކެވެ. އޭނާ ވިދާޅުވީ މިއީ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކޮށް އެ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ހަގީގަތަކަށް ވުން ކަމަށެވެ.
ލާމަރުކަޒީ ނިޒާމުގެ ފަސްވަނަ ދައުރާއެކު ތަންފީޒުވާން ފަށާ މި ބަދަލަކީ އަންހެނުންގެ މަސައްކަތުގެ އަގުވަޒަންކުރެވިގެންދާނެ ކަމުގެ ހެޔޮ ފާލެއް ކަމަށްވެސް ނިމާލް ވަނީ ބަޔާންކުރައްވާފައެވެ.


