ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު، އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ފިލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުންދަނިކޮށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން ކަރެކްޝަންސްއިން ހޯދަމުންދަނީ ލ. މާބައިދޫ، ޝަބްނަމް ހައުސް، ޙުސެއިން ޝަޙްބާން އެވެ. އޭނާ ހޯދުމުގެ މަސައްކަތް މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ފަށާފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ކަރެކްޝަންސްއިން ވަނީ ޝަޙްބާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް ފުލުހުންގެ ނަންބަރު 3322111 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ އިތުރު ތަފްސީލެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.


