މިފަހަރު ނައްތާލި ތަކެތީގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 274 ފުޅި ބަނގުރަލާއި 198 ބަނގުރާ ދަޅެވެ. މި ތަކެއްޗަކީ 2024 ނޮވެމްބަރު 6 އިން ފެށިގެން 2026 އެޕްރީލް 30 އާ ހަމައަށް ދަރަވަންދޫ އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ބަނގުރާ ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އެފަދަ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުންނެވެ. މި މަސައްކަތް ސުޕަވައިޒް ކޮށްފައިވަނީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލި ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
މަސްތުވާތަކެތި ނައްތާލުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލުތަކާއެކު، ތަހުގީގަށް ބޭނުންވާ މިންވަރަށް ސާމްޕަލް ނެގުމަށްފަހު ބާކީ ހުންނަ ތަކެތި ވީއެންމެ އަވަހަކަށް ނައްތާލުމަށް ފުލުހުން މިހާރު އިސްކަންދެއެވެ. މިއީ މިފަދަ ތަކެތި ގިނަ ދުވަހު ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.


