Tuesday, 28 July 2026
އެމްއެމްއާރް ވެކްސިން -- ފޮޓޯ: ޕިއު ރިސާޗް ސެންޓަރ

މިދިޔަ ހަފުތާގައި ހިމަބިހީގެ އިތުރު 5 ކޭސް ފެނިއްޖެ، މިއަހަރު ފެނުނު ކޭސްތަކުގެ އަދަދު 7 އަށް

މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއިން ހިމަބިހި ނުވަތަ މީސްލްސްގެ އިތުރު 5 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 7 އަށް އަރާފައެވެ.

އެޗްޕީއޭއިން ވިދާޅުވި ގޮތުގައި، މިދިޔަ ހަފުތާގެ 13 ވަނަ ދުވަހު 2 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ފަހުން އިތުރު 5 ކޭސް ވަނީ ފާހަގަކުރެވިފައެވެ. މި ކޭސްތަކާ ގުޅިގެން މިހާތަނަށް 74 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އެޖެންސީން މައުލޫމާތު ދެއެވެ.

މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތައް ފެނުމާ ގުޅިގެން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެޗްޕީއޭއިން ވަނީ ފަށާފައެވެ. މީގެ އިތުރުން، ބައްޔަށް ޕޮޒިޓިވްވި މީހުންނާ ދިމާވި ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

ހިމަބިއްސަކީ ކޯވިޑާއި، އެބޯލާ އަދި ޓީބީ ފަދަ ބަލިތަކަށްވުރެވެސް ހަލުވިކޮށް ގައިންގަޔަށް އަރާ ބައްޔެކެވެ. މި ދުވަސްވަރަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައިވެސް މި ބަލި އިތުރުވަމުންދާ ދުވަސްވަރެއްކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަމުގައި ރަތްބިހި ނެގުން، ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ހިމެނެއެވެ. އެއްވެސް ފަރާތަކުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ގައުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *