Tuesday, 28 July 2026
ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އެހީތެރިވަނީ -- ފޮޓޯ: ލާމު.އެމްވީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލުމަށް 25 ދުވަހުގެ މުއްދަތެއް!

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްފައިވާ ކެޓެގަރީން، އެމީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ހައުސިން މިނިސްޓްރީން ބުނީ މި ފުރުސަތުގެ ދަށުން ފޯމު ހުށަހެޅުމަށް 25 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ.

މި ބަދަލާއެކު، އަމިއްލައަށް ފޯމު ފުރަން ދަތި ފަރާތްތަކާއި 18 އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި، އެންސްޕާގައި އެ މީހެއްގެ ނުވަތަ އެ ކުއްޖެއްގެ ބެލެނިވެރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ފްލެޓަށް ހުށަހެޅުމުގެ ގާނޫނީ ބާރު ލިބޭނެއެވެ. މީގެ ކުރިން އޮތް އުސޫލުގެ ދަށުން މި ކެޓެގަރީން ފްލެޓަށް ކުރިމަތިލެވެނީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ މީހާއަށް އަމިއްލައަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، މި އިސްލާހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ގެނައި ބަދަލެއް ކަމަށެވެ. މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މިފަދަ އާއިލާތަކަށް ލުއި ދިނުމުގެ ގޮތުން، ފްލެޓަށް ޝަރުތު ހަމަވުމަށް މާލޭގައި ދިރިއުޅެންޖެހޭ މުއްދަތު ގުނުމުގައި ވެސް ލުއިތަކެއް ދީފައެވެ.

މި ނިންމުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ރައްކާތެރި ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *