Tuesday, 28 July 2026
ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުހައްމަދު -- ފޮޓޯ: ފުލުހުން

ދިރާގު ގޮއްވާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިމަހުގެ 14 ވަނަ ދުވަހު ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމެއް އައިސްފައިވަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުހައްމަދުގެ މައްޗަށެވެ.

ދައުލަތުން ނަދީފްގެ މައްޗަށް އުފުލާފައިވަނީ އާންމު ތަނެއްގައި ހުރެ، މީހުން ބިރުގަންނަ ފަދަ ހާލަތެއް އުފެއްދުމުގެ ދައުވާއެވެ. މި ދައުވާ އޭނާގެ މައްޗަށް އުފުލީ 17 ޖުލައި 2022 ގައި އެއާޕޯޓުގެ ދިރާގު ފިހާރަ ތެރޭގައި އަޑުގަދަކޮށް، އޭނާއަކީ އައިސިސް ޖަމާއަތަށް ނިސްބަތްވާ މީހެއް ކަމަށާއި، ދިރާގު ގޮއްވާލާނެ ކަމަށް ބުނެ ބިރުދައްކާފައިވާތީއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ނަދީފް ދައުވާއަށް އިންކާރު ކުރި ނަމަވެސް، ދައުލަތުން ވަނީ އެތަނުގައި ތިބި މުވައްޒަފުންނާއި ކަސްޓަމަރުންގެ އިތުރުން ފުލުހުންގެ ހެކިބަސް ހުށަހަޅާފައެވެ. ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުން ނަދީފްގެ މައްޗަށް އިއްވީ 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު، މިހާރު ތަންފީޒު ކުރަން ޖެހޭނީ 1 މަހާއި 13 ދުވަހުގެ ޖަލު އަދަބެއް ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *