Tuesday, 28 July 2026
ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަނުން އޮސްޓްރޭލިއާއިން ރާއްޖެއަށް ކުރި ފުރަތަމަ ސީދާ ދަތުރު މިއަދު ބާއްވައިފި

ގައުމީ އެއާލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާއިން ރާއްޖެއަށް ކުރި ފުރަތަމަ ފްލައިޓް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ. މި ދަތުރުން ރާއްޖެއަށް އައި ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި މޯލްޑިވިއަންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ކަމަށްވާ އޭ330 މަރުކާގެ ބޯޓުގައި ކުރާ މި ދަތުރުތަކަކީ ކޮންމެ ކޮޅަކަށް 11 ގަޑިއިރު ހޭދަވާ ދިގު ދަތުރުތަކެކެވެ. އޮސްޓްރޭލިއާގެ ޓްރެވަލް ކޮމްޕެނީ ލަގްޒަރީ އެސްކޭޕްއާ ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ދަށުން ކޮންމެ ހަފުތާއަކު މެލްބަންއަށް ޝެޑިއުލް އެއް ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން މި ދެ ގައުމުގެ ދެމެދުގައި ދަތުރުކުރެވެނީ އެހެން ގައުމުތަކުގައި ޓްރާންސިޓް ކޮށްގެންނެވެ.

މި ދަތުރުތައް ފެށުމަށް މަގުފަހިވެފައިވަނީ މިދިޔަ މާޗް މަހު ދެ ގައުމުގެ އަރޮނޮޓިކަލް އޮތޯރިޓީތަކުގެ ދެމެދުގައި ސޮއިކުރި "ބައިލެޓްރަލް އެއާ ސާވިސަސް އެގްރީމަންޓް" ގެ ސަބަބުންނެވެ. މި އެއްބަސްވުމުގެ ދަށުން އެއްވެސް ހުރަހެއް ނެތި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުރުތައް ފެށީ މިދިޔަ ހޯމަ ދުވަހު ރާއްޖެއިން ފުރި ފްލައިޓުންނެވެ.

މޯލްޑިވިއަނުން އަންނަނީ އެ އެއާލައިންގެ އޭ330 ބޯޓުގައި ޗައިނާގެ އެކި ސިޓީތަކަށާއި ބަންގްލަދޭޝްގެ ޑާކާއަށް ވެސް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. މީގެ އިތުރުން ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް ތައިލެންޑަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު، ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދާ ދިވެހިންނަށް ވެސް އެ އެއާލައިނުން އަންނަނީ ހިދުމަތް ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *