Tuesday, 28 July 2026
ވޯލްޑް ހެލްތު އެސެމްބްލީގެ 79 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވަނީ -- ފޮޓޯ: ހެލްތް މިނިސްޓްރީ

ވޯލްޑް ހެލްތު އެސެމްބްލީގެ 79 ވަނަ ސެޝަން ޖެނީވާގައި ފަށައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 79 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި ފަށައިފިއެވެ. މި މަހުގެ 18 އިން 23 އަށް ކުރިއަށްދާ މި ބައްދަލުވުމަކީ ދުނިޔޭގެ ސިއްހީ ދާއިރާގެ ކުރިމަގާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމުމަށް ބާއްވާ އެންމެ ބޮޑު ގަވަނަންސް ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރު 194 ގައުމެއްގެ ސިއްހަތާބެހޭ ވަޒީރުންނާއި މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ. މި ވަފުދުގައި ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ ބޭފުޅުންނާއި ހެލްތު މިނިސްޓްރީގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.

މިއަހަރުގެ އެސެމްބްލީގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ގީލާ ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ އެޖެންޑާގައި ސިއްހީ ނިޒާމުތައް ވަރުގަދަކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ އިތުރުން ޔުނިވާސަލް ހެލްތު ކަވަރޭޖާއި، ޕްރައިމަރީ ހެލްތު ކެއަ އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭއެމްއާރް) އާ ދެކޮޅަށް އެކުލަވާލާފައިވާ ގްލޯބަލް އެކްޝަން ޕްލޭނަށް ގެންނަ އިސްލާޙުތަކާއި، ޑިޖިޓަލް ހެލްތު އަދި އާޓިފިޝަލް އިންޓެލިޖެންސްގެ މިންގަނޑުތައް އެއްގޮތްކުރުމާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ކުރާ އަސަރުތަކާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން "ޕެންޑަމިކް އެގްރީމަންޓް" އާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވޭނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ވަފުދުން އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ބައްދަލުކޮށް، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *