Tuesday, 28 July 2026
އައިޖީއެމްއެޗް---ފޮޓޯ: ސަން

އެބޯލާ ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަ، ނަމަވެސް ސަމާލުވުމަށް އެޗްޕީއޭއިން އިރުޝާދުދީފި

އެފްރިކާގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ވައިރަސް ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަކޮށްފިއެވެ. އެޗްޕީއޭއިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ބަލިމަޑުކަމުގެ ހާލަތު ކަމާބެހޭ އިދާރާތަކާ ގުޅިގެން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.

ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެބޯލާ ފެތުރެމުންދާ ސަރަހައްދުތަކަށް ދިވެހިން ދަތުރުނުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. މި ބަލިމަޑުކަން މިހާރު އެންމެ ބޮޑަށް ފެތުރެމުންދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ޔޫގެންޑާގައެވެ. މި ބަލި ފެތުރެނީ "ބަންޑިބުގްޔޯ" ނަމަކަށް ކިޔާ ވައިރަހެއްގެ ސަބަބުންނެވެ.

އެފްރިކާގެ ހާލަތު

ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން، ކޮންގޯގެ އިޓޫރީ ޕްރޮވިންސުން އެކަނިވެސް ބަލީގެ އަލާމާތްތައް ހުރި 246 މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން 80 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. މިއީ 1976 ވަނަ އަހަރު މި ބަލި ފުރަތަމަ ފެނުނު ފަހުން ކޮންގޯގައި މިފަދަ ހާލަތެއް އިއުލާނުކުރި 17 ވަނަ ފަހަރެވެ. މިހާރު މި ވައިރަސް ވަނީ ކޮންގޯގެ ވެރިރަށް ކިންޝާސާ އާއި ޔޫގެންޑާގެ ވެރިރަށް ކަމްޕާލާއަށް ވެސް ފޯރާފައެވެ.

ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރާ އެންމެ ބޮޑު ސަބަބަކީ، އެހެން އެބޯލާ ވައިރަސްތަކާ ހިލާފަށް، މިހާރު ފެތުރެމުންދާ ބަންޑިބުގްޔޯ ވައިރަހުން ރައްކާތެރިވުމަށް ދެވޭނެ އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނެތުމެވެ. ބައްޔަށް ޝައްކުކުރެވޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ޓެސްޓުތައް ޕޮޒިޓިވްވާ ރޭޓުވެސް އުޅެނީ ނިސްބަތުން މަތީގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *