ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުގެ މަގާމުން ޔޫސުފް ވަހީދު ވަކިކޮށްފިއެވެ. މިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރެއްވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ޔޫސުފް ވަހީދަކީ މިހާރުވެސް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ މީގެ ކުރިން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފައެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، ޔޫސުފް ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ފައިނޭންސްގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ވެސް ފުރިހަމަ ކުރައްވާފައެވެ.


