ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް ސީޝެލްސްއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމަށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. މީގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މިނިސްޓަރުން ވަނީ އިންޑިއާ ކަނޑުގެ އަވަށްޓެރި ދެ ގައުމުގެ ގޮތުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން އދ، ކޮމަންވެލްތު އަދި އޭއޯސިސް ފަދަ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މިނިސްޓަރު އިރުތިޝާމް ފާހަގަކުރެއްވި ގޮތުގައި، މިއީ ސީޝެލްސްގެ ހާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ އަދި އިގްތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.


