ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ އިތުރު ބުރުގެ ވޯޓުލުން އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު އާއި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އެވެ. ފުރަތަމަ ނަތީޖާ ދެއްކި ގޮތުން ސުހާއަށް 393 ވޯޓު ލިބިވަޑައިގެންނެވިއިރު، ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ. ނަމަވެސް، އެމްޑީއޭގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެން ވޯޓުތައް އަލުން ގުނިއިރު ސުހާގެ ދެ ވޯޓެއް ބާތިލް ކުރުމުން ޝާހިދު އިންތިހާބު ކާމިޔާބު ކުރި ކަމަށް އީސީން ކުރިން ކަނޑައެޅިއެވެ.
ބާތިލް ކުރި ވޯޓުތަކުގެ މައްސަލަ ސުހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ކުރި ހުކުމުގައި ވަނީ ބާތިލް ކުރި ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. ހުކުމުގައި ބަޔާންކޮށްފައިވަނީ އެ ވޯޓު ކަރުދާހުގައި ފާހަގައިގެ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް، އެއީ ކާކަށް ދިން ވޯޓެއްކަން އެނގެން އޮތުމުން އެއީ ސައްހަ ވޯޓެއް ކަމަށެވެ. ނަމަވެސް ދެވަނަ ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް އޮތުމުން އެއީ ބާތިލް ވޯޓެއް ކަމަށް ކޯޓުން ވެސް ވަނީ ނިންމާފައެވެ.
ކޯޓުގެ ހުކުމާ އެކު ދެ ކެންޑިޑޭޓުންގެ ވޯޓުގެ އަދަދު ވަނީ 392 އިން އެއްވަރުވެފައެވެ. މިކަމާ ގުޅިގެން އީސީން މިއަދު ބުނީ، އިންތިހާބުގެ އިތުރު ބުރެއް ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.


