ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ރެސްކިއު އޮޕަރޭޝަނުގައި ޖުމްލަ 8 ޑައިވަރުން ހަރަކާތްތެރިވަމުންދެއެވެ. މި ހަރަކާތުގެ ތެރޭގައި އުޅެނިކޮށް މަހުދީގެ ހާލު ދެރަވެގެން ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެއެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފުން ފުރަތަމަ ޑައިވްކޮށްފައިވަނީ އިއްޔެއެވެ. އަދި ދެވަނަ ޑައިވްއަށް ތައްޔާރުވެ މިއަދު ހެނދުނު 10:30 ހާއިރު އޮޕަރޭޝަން ވަނީ އަލުން ފަށާފައެވެ.
މި ހާދިސާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލަމުންދާތީ، އެ މީހުން ޑައިވަށް ގެންދިޔަ ސަފާރީ ’އެމްވީ ޑޫކް އޮފް ޔޯކް' ގެ އޮޕަރޭޓިން ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓާފައެވެ.
ވ. އަލިމަތީ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު ހޯދުމަށް ހުކުރު ދުވަހު ހިންގި އޮޕަރޭޝަނުގައި ހޮހޮޅައިގެ ތިން ޗެމްބަރުގެ ތެރެއިން ދެ ޗެމްބަރު ބެލި ނަމަވެސް އެކަކު ވެސް ފެނިފައި ނުވާ ކަމަށް އިޓަލީ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.


