އިޤްތިޞާދީ ގޮތުން ދަތި ދަނޑިވަޅެއްގައިވެސް، އިތުރު ދަރަނި ނުނަގައި ބިލިއަނެއްހާ ޑޮލަރު ދައްކާ ޚަލާސްކޮށްފައިވާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ދަރަނި ދެއްކުމުގައި ރާއްޖެއިން ޒިންމާދާރުކަމާއެކު ޢަމަލުކުރަމުންދާ ކަމަށާއި، މީގެ ސަބަބުން ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއާމެދު ދެކޭގޮތް ރަނގަޅުވެ، މުސްތަޤުބަލުގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދަން ފަސޭހަވާނެ ކަމަށެވެ.
ކުރީ ސަރުކާރުން 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ނެގި މި ލޯނުތައް މީގެ ކުރިން ދިޔައީ ނުދައްކާ ރޯލްއޯވާ ކުރަމުންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ މިހާތަނަށް ދެ ފަހަރެއްގެ މަތިން 100 މިލިއަން ޑޮލަރު ދައްކާފައެވެ. އެގޮތުން އެންމެ ފަހުން 50 މިލިއަން ޑޮލަރު ދައްކާފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.
ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ މާލީ ޙާލަތާއި އިޤްތިޞާދު ހަރުދަނާކުރުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ދަރަނި ދެއްކުމުގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ އެއްވެސް މަޝްރޫޢަކަށް ބުރޫނާރާނެ ކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.


