ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ހަތް ފިރިހެނުންނާއި ދެ އަންހެނުންނެވެ. މި މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން އެމްޑީޕީ ހަރުގެ ކައިރިން ފެށި މި އިހުތިޖާޖުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ގެކޮޅު ކައިރިންނާއި، މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރުއަނގޮޅި ސަރަހައްދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.
މި އިހުތިޖާޖު ރޫޅާލުމަށް އެސްއޯ ފުލުހުން ހަރަކާތްތެރިވި ވަގުތު ހިނގި ކުރިމަތިލުންތަކުގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން ފިރުޝާން ވެސް ހިމެނެއެވެ.
ރޭގެ ހަރަކާތުގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެ، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.


