މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހަލިމަގު (ހައިވޭ) ގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވެފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 50 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 22:12 އެހާކަންހާއިރު، ހުޅުމާލޭން މާލެއަށް ދަތުރުކުރާ ފަޅީގައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި އަނިޔާވި މީހާ މަރުވެފައިވާކަން ފުލުހުން ރޭ ކަށަވަރުކޮށްދިން ނަމަވެސް، އޭނާގެ ވަނަވަރު ހާމަކޮށްފައިވަނީ މިއަދުއެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


