Tuesday, 28 July 2026
ޓެކްސީލައިންގެ ކާރެއް ---ފޮޓޯ: އެމްޓީސީސީ

މާލެ ޓެކްސީ ލައިނުން މިހާތަނަށް 13,000 އަށްވުރެ ގިނަ ދަތުރު ކޮށްފި

މާލެ ސަރަޙައްދުގެ ޓެކްސީގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ފެށި ’މާލެ ޓެކްސީ ލައިން' ގެ ޚިދުމަތުން މިހާތަނަށް 13,000 އަށްވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެޕްރީލް 18 އިން މޭ 9 އާ ހަމައަށް ކުރި މި ދަތުރުތަކުގައި ޖުމްލަ 9,550 ކަސްޓަމަރުން ވަނީ ޚިދުމަތް ހޯދާފައެވެ.

އެމްޓީސީސީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ދަތުރު ކޮށްފައިވަނީ މާލެ ސިޓީގެ އެތެރޭގައެވެ. އެގޮތުން މާލެ އެތެރޭގައި 9,395 ދަތުރު ކޮށްފައިވާއިރު، ހުޅުމާލެ ފޭސް 1 އަށް 1,966 ދަތުރު އަދި ފޭސް 2 އަށް 1,283 ދަތުރު ވަނީ ކޮށްފައެވެ. މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް 429 ދަތުރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޚިދުމަތަކީ 24 ގަޑިއިރު މެދުނުކެނޑި ލިބޭ، މުޅިންވެސް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް ބޭނުންކޮށްގެން ދޭ ޚިދުމަތެކެވެ. މި ޚިދުމަތުގައި ޗަންގަން ބްރޭންޑުގެ 150 ކާރު ބޭނުންކުރާއިރު، މީގެ ތެރޭގައި ތަފާތު ތިން ސައިޒެއްގެ އުޅަނދުތައް ހިމެނެއެވެ.

ކަސްޓަމަރުންނަށް މި ޚިދުމަތް ހޯދުމަށްޓަކައި ވެބްސައިޓް މެދުވެރިކޮށް ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މި ޚިދުމަތުގެ ދަށުން ކުރާ ދަތުރުތަކަށް ނަގާނީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ރަސްމީ އަގުތައް ކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *