މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ބާޒާރުގައި ދައުރުވަމުންދިޔަ 3 ބިލިއަން ރުފިޔާ ވަނީ ދައުރުވުން ހުއްޓުވާފައިވާއިރު، މިއީ މައިގަނޑު ގޮތެއްގައި ކޮވިޑް-19 އާ ގުޅިގެން ދިމާވި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ދައުލަތުން ޗާޕުކުރި 14 ބިލިއަން ރުފިޔާގެ ތެރެއިން ބައެއްކަން ފާހަގަކުރެވެއެވެ. މިގޮތަށް ފައިސާ ދައުރުވުން މަދުކުރުމުގެ މަގްސަދަކީ އިގްތިސާދުގައި ހުރި އިތުރު ރުފިޔާ ނަގައި، ރުފިޔާގެ އަގު ވަރުގަދަކުރުމެވެ.
ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް ޑޮލަރުގެ އަގު ރަސްމީ ރޭޓަށް ތިރިކުރުން ކަމަށެވެ. މަރުކަޒީ ބޭންކުން މިހާރު ފަށާފައިވާ މަސައްކަތްތަކަކީ މި އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
ނަމަވެސް، މަރުކަޒީ ބޭންކުން މިފަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވީ ނަމަވެސް، އަދިވެސް ބާޒާރުގައި ޑޮލަރުގެ އަގަށް އެދެވޭ ހެޔޮ ބަދަލެއް އައިސްފައެއް ނުވެއެވެ. ކަޅުބާޒާރުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ މަތީގައެވެ. އިގްތިސާދީ މާހިރުން ދެކޭގޮތުގައި މި ފިޔަވަޅުތަކުގެ ނަތީޖާ ފެނުމަށް ކޮންމެވެސް ވަގުތެއް ނަގާނެއެވެ.


