މި ޒިޔާރަތުގައި ވަޒީރާއި ސަފީރު ވަނީ މަޝްރޫޢު ކުރިއަށްގެންދާ އެފްކޮންސް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، ބްރިޖުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. މި ބައްދަލުވުމުގައި މަސައްކަތުގެ ތާވަލާ އެއްގޮތަށް ކަންކަން ކުރިއަށްދާ މިންވަރާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
ބްރިޖުގެ ފެންވަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ، ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ދުރުން ފެންނަނީ މަސައްކަތުގެ ގޮތުން ފެންނަ އިލޫޝަނެއް ކަމަށާއި، ކޮލިޓީގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އެމަނިކުފާނު ޔަގީންކޮށްދެއްވިއެވެ.
"މިއީ ލެގޯއެއް ގޮތަށް ވަކިވަކި ބައިތަކެއް ގެނެސް ގުޅުވާ ސްޓްރަކްޗަރ އަކަށްވާތީވެ، އެބުނާ ކަހަލަ ޑިފެކްޓެއް ހުރިނަމަ ހުރިހާ ސެގްމަންޓެއް ގުޅިގެން އެއްވަރުވެގެން ނުދާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ގުޅިގެން މި މަޝްރޫޢު ވީހާވެސް އަވަހަކަށް ނިންމާލުމެވެ. އަދި މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަމާއި، ކޮންޓްރެކްޓަރަށް ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދެމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.


