Tuesday, 28 July 2026
ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ތިލަމާލެ ބްރިޖްގެ މަސައްކަތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ24

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ވަޒީރު މުއްތަލިބާއި އިންޑިއާ ސަފީރު ބައްލަވާލައްވައިފި

މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، މަސައްކަތުގެ ފެންވަރު ބައްލަވާލެއްވުމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން މިއަދު އެ ސަރަހައްދަށް ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ވަޒީރާއި ސަފީރު ވަނީ މަޝްރޫޢު ކުރިއަށްގެންދާ އެފްކޮންސް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، ބްރިޖުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. މި ބައްދަލުވުމުގައި މަސައްކަތުގެ ތާވަލާ އެއްގޮތަށް ކަންކަން ކުރިއަށްދާ މިންވަރާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

ބްރިޖުގެ ފެންވަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ، ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ދުރުން ފެންނަނީ މަސައްކަތުގެ ގޮތުން ފެންނަ އިލޫޝަނެއް ކަމަށާއި، ކޮލިޓީގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އެމަނިކުފާނު ޔަގީންކޮށްދެއްވިއެވެ.

"މިއީ ލެގޯއެއް ގޮތަށް ވަކިވަކި ބައިތަކެއް ގެނެސް ގުޅުވާ ސްޓްރަކްޗަރ އަކަށްވާތީވެ، އެބުނާ ކަހަލަ ޑިފެކްޓެއް ހުރިނަމަ ހުރިހާ ސެގްމަންޓެއް ގުޅިގެން އެއްވަރުވެގެން ނުދާނެ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ގުޅިގެން މި މަޝްރޫޢު ވީހާވެސް އަވަހަކަށް ނިންމާލުމެވެ. އަދި މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަމާއި، ކޮންޓްރެކްޓަރަށް ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދެމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *