މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފްތާގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ހަލާކުވާ ޒާތުގެ ޖުމްލަ 52,076 ޕެކޭޖް ކްލިއަރ ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި މިދިޔަ ހަފްތާގައި ކްލިއަރ ކުރި މުދަލުގެ ތެރެއިން އެންމެ ގިނައީ ކާބޯތަކެތީގެ ބާވަތްތަކެވެ. އޭގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ބިހެވެ. ބިހުގެ 15,294 ޕެކޭޖް މިދިޔަ ހަފްތާގައި ވަނީ ކްލިއަރ ކޮށްފައެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނައިން ކްލިއަރ ކުރި ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ:
- ބިސް: 15,294 ޕެކޭޖް
- ފިޔާ: 10,911 ޕެކޭޖް
- ކަރާ: 6,052 ޕެކޭޖް
- ޓޮމާޓޯ: 4,337 ޕެކޭޖް
- އަލުވި: 3,989 ޕެކޭޖް
މީގެ އިތުރުން، ބަނދަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި އެއް ކޮންޓެއިނަރު ބޯޓު ވަނީ ބަނދަރަށް ލަފާފައެވެ. އެމްޕީއެލް އިން ވަނީ ޖުމްލަ 35,874 ފްރެއިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފައެވެ. އަދި ޖެނެރަލް ކާގޯ އުފުލާ 10 ބޯޓަކުން މުދާ ބާލާފައިވާއިރު، އެ އުޅަނދުތަކުން 3,176 ޓަނުގެ މުދާ ކްލިއަރ ކޮށްފައިވާ ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި މުދާ ބޭލުމުގެ މަސައްކަތްތަކަކީ ރާއްޖޭގެ ބާޒާރަށް ބޭނުންވާ އަސާސީ ކާބޯތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަށް އެމްޕީއެލް އިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.


