Tuesday, 28 July 2026
މި ތާރީޚީ ދަތުރުތައް އިންތިޒާމު ކުރަނީ ދި ޓްރެވެލާސް އާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން -- ފޮޓޯ: ދި ޓްރެވެލާސް

ތާރީޚީ ބަދަލެއް: އައްޑޫން ސީދާ ޖިއްދާއަށް އުމްރާ ދަތުރުތައް ފަށަނީ

އުމްރާގެ އަޅުކަމަށް ރާއްޖޭގެ އަތޮޅުތެރޭގެ އެއާޕޯޓަކުން ސައޫދީ އަރަބިއްޔާއަށް ސީދާ ދަތުރުތައް ބާއްވަން ނިންމައި، ތާރީޚީ ބަދަލަކަށް އައްޑޫ ސިޓީ ތައްޔާރުވެއްޖެއެވެ. މިއީ ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނޫން އެހެން އެއާޕޯޓަކުން އުމްރާވެރިން ގޮވައިގެން ސީދާ ސައޫދީއަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ.

މި ތާރީޚީ ދަތުރުތައް އިންތިޒާމު ކުރަނީ އުމްރާއަށް މީހުން ގެންދާ އެޖެންސީއެއް ކަމަށްވާ ދި ޓްރެވެލާސް އާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެންނެވެ. މި ދަތުރުތައް ކުރާނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައޫދީ އަރަބިއްޔާގެ ޖިއްދާ އަށެވެ.

މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ވައިޑްބޮޑީ އެއާކްރާފްޓް، އޭ 330 މަރުކާގެ ބޯޓެވެ. މި ބޯޓަކީ އެއްފަހަރާ 264 މީހުންނަށް ދަތުރުކުރެވޭނެ ގާބިލުކަން ލިބިގެންވާ ބޯޓެކެވެ. މީގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ އުމްރާވެރިން މާލެ ނައިސް ސީދާ އައްޑޫއިން ފުރައިގެން ދެވޭނެ މަގު ފަހިވެގެންދާނެއެވެ.

ދި ޓްރެވެލާސް އިން ބުނި ގޮތުގައި މި ދަތުރުގެ ސަބަބުން އުމްރާވެރިން ދަތުރުކުރަންޖެހޭ ވަގުތު ކުރުވެ، މައްކާއިން މަދީނާއަށް ދާން އޮންނަ މަގުވެސް ކައިރިވެގެންދާނެއެވެ. މިއީ އުމްރާވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަން އެ އެޖެންސީން ފާހަގަކުރެއެވެ.

މި ތާރީޚީ ދަތުރުގެ ބުކިންތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *