Tuesday, 28 July 2026
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ: ރައީސް އޮފީސް

ފުރަތަމަ ތިން މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު 19 ޕަސެންޓް އިތުރު: ސައީދު

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 19 ޕަސެންޓް އިތުރުވެފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖެއަށް މުދާ ގެނައުމުގެ މަގުތައް ސަރުކާރުން ހޯދަމުންދާއިރު މިކަމަށް ކުރިއެރުންތަކެއް ލިބެމުން އަންނަކަމަށެވެ. އެގޮތުން ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓްތައް ގެނައުމަށް ކުރިއަށްއޮތް 3 މަސްދުވަހަށްވެސް ޝެޑިއުލް ދަތުރުތައް ހަމަޖެހިފައިވާކަމަށެވެ.

މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 13.6 ބިލިޔަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 16.2 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ. މިއީ ބާޒާރުގެ ޑިމާންޑަށް ބަލާއިރު ލިބުނު ބޮޑު ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިއަހަރުގެ 3 މަސްދުވަހު ރާއްޖެއަށް ގެނެސްފައިވާ މުދަލުގެ އަދަދު %19 އިތުރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ، ލަންކާގައި ތާށިވެފައިވާ ކޮންޓެއިނަރުތައްވެސް މިހާރު ރާއްޖެއަށް ގެންނަމުންދާކަމަށެވެ. މިދިޔަ ހަފްތާގައި ލަންކާގައި ހުރީ 4241 ކޮންޓެއިނަރުކަމަށެވެ. އެހެންނަމަވެސް މިވަގުތު ބަނދަރުގައި އޮތް ބޯޓުތަކާއިއެކު މި ހަފްތާގައި އައުމަށް ހަމަޖެހިފައިވާ ބޯޓުތައް އައުމުން މިހާރު ލަންކާގައި ހުންނާނެކަމަށް އަންދާޒާކުރެވެނީ 1741 ކޮންޓެއިނަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް އެންމެ މުހިންމު އެއް ބާވަތް ކަމަށްވާ ތެލުގެ ޝިޕްމަންޓްތައްވެސް ކުރިއަށް އޮތް ތިން މަސްދުވަހަށް ބުރޫނާރާނެހެން ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *