Tuesday, 28 July 2026
މާލެ ސިޓީ

އާމްދަނީއާއި ހަރަދު ދެނެގަތުމަށް ސާވޭއެއް ފަށައިފި

މުޅި ރާއްޖެ ހިމެނޭހެން ކުރިއަށްގެންދާ އާމްދަނީއާއި ހަރަދުކުރުން ހުރިގޮތުގެ ސާވޭގައި 4،000 އަށްވުރެ ގިނަ ގޭބިސީއިން މައުލޫމާތު އެއްކުރުމަށް ނިންމާފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ރައްޔިތުންގެ އިގްތިސާދީ ހާލަތާއި ދިރިއުޅުމުގެ ފެންވަރު ދެނެގަތުމަށް ކޮންމެ 5 ނުވަތަ 6 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ފެށި މި ސާވޭގެ ފުރަތަމަ ބުރުގެ މަސައްކަތް މިހާރު ކުރިއަށްދަނީ މާލެ ސަރަހައްދުގައެވެ. މާލެއާއި އެހެނިހެން ސިޓީތަކުން ޖުމުލަ 2،085 ގޭބިސީއަކުން މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާއިރު، މާލޭގެ މަސައްކަތްތައް އަންނަ ހަފުތާގައި ނިމޭނެ ކަމަށް ލަފާކުރެވެއެވެ. އަދި އަތޮޅުތަކުގެ ރަށްތަކުގައި ސާވޭ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ. އަތޮޅުތަކުން 2،010 ގޭބިސީއެއް ހިމެނޭހެން، މުޅި ސާވޭގައި ޖުމުލަ 4،095 ގޭބިސީއަކުން މައުލޫމާތު އެއްކުރާނެއެވެ.

މި ސާވޭގެ މައިގަނޑު ބޭނުމަކީ ގޭބިސީތަކުގެ އެވްރެޖް ހަރަދާއި އާމްދަނީ ހުރިގޮތް ދެނެގަތުމާއި، ރާއްޖޭގެ ފަގީރުކަމުގެ މިންގަނޑު އެކުލަވާލުމެވެ. މީގެ އިތުރުން، ބާޒާރުގެ އަގުތަކުގެ މިންގަނޑު ނުވަތަ ސީޕީއައި އިސްލާހުކުރުމާއި، އާމްދަނީއާއި ހަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ސާވޭގައި ކުއްޔާއި، ބިލުތަކާއި، ކާބޯތަކެއްޗާއި، ސިއްހީ އަދި ތައުލީމީ ހަރަދުތަކުގެ އިތުރުން ފަރުދުންގެ މަސައްކަތާއި އާމްދަނީއާ ގުޅޭ ތަފްސީލީ މައުލޫމާތު އެއްކުރެވޭނެއެވެ. އެންބީއެސް އިން ބުނި ގޮތުގައި، މި ސާވޭގައި އެއްކުރާ ހުރިހާ މައުލޫމާތަކީ ސިއްރު މައުލޫމާތުގެ ގޮތުގައި ހިފަހައްޓާނެ މައުލޫމާތުތަކެކެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވަނީ ހާއްސަ ތަމްރީން ދެވިފައިވާ އޮފިޝަލުންނެވެ. އެންމެ ފަހުން މިފަދަ ސާވޭއެއް ރާއްޖޭގައި ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. މި ފަހަރުގެ ސާވޭއިން އެއްކުރެވޭ ހޯދުންތައް ދިރާސާކުރުމަށްފަހު، އެކަމާ ގުޅޭ ތަފްސީލީ ރިޕޯޓެއް އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *