Tuesday, 28 July 2026

ލުބުނާނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައެވެ.

ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ، 8 އޭޕްރީލް 2026 ގައި އިސްރާއީލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ދިން ރަހުމުކުޑަ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. މިއީ ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ، އަދި ސަރަހައްދީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ އިސްރާއީލުން ތަކުރާރުކޮށް ހިލާފުވަމުންދާތީ، އެ ގައުމު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެގެންދާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ލުބުނާނުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަމާއެކުކަން ހާމަކުރައްވައި، ލުބުނާނުގެ މިނިވަންކަމާއި، ސަލާމަތާއި، އަދި އިސްތިގުލާލު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށްވެސް ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *