ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ އަށް މީހެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ފަސް އަހަރު ފަހުން ކްރިމިނަލް ކޯޓުން އިއްޔެ ނިންމާލައިފިއެވެ.
މި މައްސަލައަކީ ޖެނުއަރީ 2021 ގައި ތިމަރަފުށިން ބަޔަކު ހައްޔަރުކޮށް، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިގެން ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތަކެކެވެ. މި މައްސަލާގައި ދައުވާ ލިބެނީ ތިމަރަފުށީގެ ފަސް މީހަކާއި، ކަނދޮޅުދޫ، މަޑުއްވަރީ އަދި ކުޑަފަރީގެ މީހެއްގެ މައްޗަށެވެ.
ދައުވާ ލިބޭ ފަރާތްތައް:
- އަބްދުﷲ ޝަރީފް (ތިމަރަފުށި)
- އަހުސަން މުހައްމަދު (ތިމަރަފުށި)
- އަލީ މުނީޒް (ތިމަރަފުށި)
- މުހައްމަދު އާސިރު (ތިމަރަފުށި)
- ސަމާހް ޝަރީފް (ތިމަރަފުށި)
- އަލީ އަރުހަމް މުހައްމަދު (ކަނދޮޅުދޫ)
- އަބްދުﷲ އިމާދު (މަޑުއްވަރީ)
- އިބްރާހިމް ލޫތު (ކުޑަފަރީ)
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި، ޝަރީއަތުގެ އަޑުއެހުންތައް މިހާރު ނިމިފައިވާތީ، ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެއެވެ. އެހެންކަމުން، އަންނަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން މި މައްސަލާގައި ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
މި މީހުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތައް ސާބިތުވެއްޖެނަމަ، ގާނޫނުގައިވާ ގޮތުގެ މަތިން ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އައުމުގެ ފުރުސަތު ބޮޑެވެ.


