ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދިޔަ "އުދަރެސް" ބޯޓުން ގެއްލުނު އުމުރުން ދުވަސްވީ ދިވެހި ފިރިހެން މީހާ، ސަލާމަތުން އޮއްވައި ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. އެ މީހާ ފެނިފައިވަނީ ފިލާގަނޑެއްގެ އެހީގައި ކަނޑުމަތީގައި އޮއްވައި ކަމަށް ސިފައިން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 01:25 ހާއިރުއެވެ. މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި މި ބޯޓު ފަރަށް އެރި އިރު އޭގައި ޖުމުލަ 13 މީހުން ތިއްބެވެ. އޭގެ ތެރެއިން އެކަކު ފަތާފައި ގޮސް ރަށަށް އަރާފައިވާއިރު، އިތުރު 11 މީހަކު ވަނީ އެ ސަރަހައްދުގައި އޮތް ރިސޯޓެއްގެ ދޯންޏަކުން ސަލާމަތްކޮށްފައެވެ.
ސަލާމަތްކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ. ބޯޓު އަޑިއަށް ދިއުމާ ގުޅިގެން އޭގައި ހުރި ގިނަ އަދަދެއްގެ މުދާ މިހާރު ދަނީ ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު، ޚާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އޮޔާދާ މުދަލުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.


