މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ޒަކާތު ކުއިޒް 1447″ ގެ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ.
މި ކުއިޒްގެ ނަސީބުވެރިޔާ ހޮވުން އޮތީ މިއަދު ހެނދުނު 11:35 ގައި ޒަކާތު ހައުސްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ސީދާ ވަގުތުން ދެއްކި ޕްރޮގްރާމެއްގައެވެ. މި ގުރުއަތުލުން ކުރިއަށް ގެންދަވައިދެއްވީ ޝަރަފުވެރި މެހެމާނު، މޯލްޑިވްސް ޒަކާތު ހައުސްގެ ޝަރީޢާ އެންޑް އެޑްވައިޒަރީ ބޯޑުގެ މުގައްރިރު އަލްއުސްތާޛު ޢަބްދުﷲ ސައުދާން އެވެ.
މިއަހަރުގެ ރަމަޟާން މަހު ކުރިއަށްގެންދިޔަ މި ކުއިޒަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޖުމްލަ 5،000 އަށްވުރެ ގިނަ މީހުން މި މުބާރާތުގައި ބައިވެރިވިއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސުވާލެއް ހިމެނޭހެން ޖުމްލަ 30 ސުވާލު ޒަކާތު ހައުސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަނީ ހުށަހަޅާފައެވެ.
މި ކުއިޒްގެ ހުރިހާ ސުވާލަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ރަނގަޅު ޖަވާބު ދީގެން ގުރުއަތަށް ހޮވުނީ 126 ބައިވެރިންނެވެ. މިއަހަރުގެ ކުއިޒްގެ އެއްވަނައަށް ހުށަހަޅާފައިވާ ގްރޭންޑް ޕްރައިޒަކީ ދެ މީހަކަށް ދެވޭ އުމްރާ ދަތުރެކެވެ. ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތަކީ އދ. މަހިބަދޫ، އަތަމާގެ، ފާޠިމަތު މާޢަލް އަޙްމަދެވެ.
ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި، ނަސީބުވެރިޔާއަށް އިނާމު ހަވާލުކުރުން އޮންނާނީ އަންނަ ހަފުތާގައެވެ.


