Tuesday, 28 July 2026
ހައިކޯޓު---ފޮޓޯ:އެމްޑީމޯލްޑިވްސް

މަޖިލީހުގެ ލީގަލް އޮފިސަރުކަމުން ޝައްމާ ވަކިކުރި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލީގަލް އޮފިސަރުގެ މަގާމުގައި ހުރި އާއިޝަތު ޝައްމާ ވަޒީފާ އިން ވަކިކުރި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަމުރުކޮށްފިއެވެ. ޝައްމާ މަގާމުން ވަކިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

މި މައްސަލަ ޝައްމާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅީ އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބަކާ ނުލައި، ވަޒީފާއާބެހޭ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ބުނެއެވެ. އޭނާ ޓްރައިބިއުނަލްގައި އެދިފައިވަނީ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.

މި މައްސަލައިގައި މަޖިލީހުގެ އިދާރާއިން ޓްރައިބިއުނަލްގައި ބުނެފައިވަނީ ޝައްމާ ވަކިކުރީ ޕްރޮބޭޝަން މުއްދަތުގައި ކަމަށްވާތީ، ނޯޓިހެއް ދިނުމަކާ ނުލައި ވަކިކުރުމުގެ އިހުތިޔާރު ވަޒީފާދޭ ފަރާތަށް އޮންނާނެ ކަމަށެވެ. އަދި އެއީ ޓްރައިބިއުނަލަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް މަޖިލީހުން ފާހަގަކުރުމުން، ޓްރައިބިއުނަލުން ކުރިން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ތަނަށް ނެތް ކަމަށެވެ.

ނަމަވެސް، ޓްރައިބިއުނަލްގެ އެ ނިންމުން ޝައްމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ ޓްރައިބިއުނަލްގެ ނިންމުން ބާތިލްކޮށްފައެވެ. ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ މިއީ ޓްރައިބިއުނަލަށް ބެލިދާނެ މައްސަލައެއްތޯ އަލުން ބަލައި، އެ މައްސަލައާ މެދު ގޮތެއް ކަނޑައެޅުމަށް ޓްރައިބިއުނަލަށް އަންގާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން، ޝައްމާ ވަޒީފާއިން ވަކިކުރި މައްސަލަ ޓްރައިބިއުނަލުން އަލުން ބަލައި، އެކަމުގައި ގާނޫނީ ގޮތުން ނިންމަންޖެހޭ ނިންމުންތައް ކުރިއަށް އޮތް ތަނުގައި ނިންމާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *