ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލެ ސަރަޙައްދުން ބިމާއި ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ފުރަތަމަ 24 ގަޑިއިރު ތެރޭގައި 518 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮށްފިއެވެ.
މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ ފުލެޓަށް އެދި ހުށަހެޅި 399 އެޕްލިކޭޝަނާއި ބިމަށް އެދި ހުށަހެޅި 119 އެޕްލިކޭޝަނެވެ. މީގެ އިތުރުން، 3,836 އެޕްލިކޭޝަނެއް ފުރިހަމަކުރުމުގެ މަރުހަލާ ނުވަތަ ޑްރާފްޓް މަރުހަލާގައި ހުރިކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މި ޕްރޮގްރާމްގެ ދަށުން 1,250 އަކަފޫޓުގެ 15,000 ގޯއްޗާއި 7,900 ފުލެޓު ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހެނދުނު 9:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހައުސިންގ މިނިސްޓްރީގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށެވެ.
ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމަށް ދިގު މުއްދަތެއް ވަނީ ދީފައެވެ. އެގޮތުން ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 04 މާރިޗު 2026 އެވެ. އަދި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 17 އޭޕްރިލް 2026 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 860-4004 އިން ފެށިގެން 865-4004 އާ ހަމައަށް ގުޅޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް މަޢުލޫމާތު ހޯދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.


