ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑިން ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ވިލިމާލޭ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ރިޕޯޓްކުރީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށެވެ. ރިޕޯޓު ލިބުމާއެކު، ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެ ރިޕޯޓާ ގުޅިގެން ވިލިމާލޭގެ ފުލުހުންނާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނުނީ މޫދު އަޑީގައި އޮއްވާ 6:55 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އެހީތެރިކަމާއެކު އެ މީހާ ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެ މީހާ ވަނީ ނިޔާވެފައެވެ.
އެ ހާދިސާގައި މަރުވީ އުމުރުން 22 އަހަރުގެ ނޭޕާލް މީހެކެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.


