ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ކަމާބެހޭ އެޖެންސީތަކާއި ވިޔަފާރިވެރިންނާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، މި މަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކާއި އެކި އެޖެންސީތަކާއެކު ބޭއްވި ބައްދަލުވުމުގައި ޕޯޓް ކްލިއަރަންސް އާ ގުޅޭ ގޮތުން ހުރި ދަތިތައް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކަންކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުން ކުރިއެރުންތަކެއް ލިބެމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މުދާ ކްލިއާ ކުރުމުގައި ލަސްތަކެއް ދިމާވާން މެދުވެރިވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މުދާ އެތެރެކުރުމުގެ ޓްރެފިކް އިތުރުވުމާއި، ރަމަޟާން މަހުގެ ބާރުބޮޑުވުމުގެ އިތުރުން ބޭރުގެ ހަމަނުޖެހުންތަކުގެ ސަބަބުން ކޮލަމްބޯ ޕޯޓަށް ބާރުބޮޑުވުމަކީ ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށެވެ. ރާއްޖެއަށް އަންނަ ގިނަ ބޯޓުތަކަކީ ކޮލަމްބޯ ބަނދަރުގައި މަޑުކުރުމަށްފަހު އަންނަ ބޯޓުތަކަށް ވުމުން، އެ ބަނދަރަށް ދިމާވާ ލަސްތަކުގެ އަސަރު ރާއްޖެއަށް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ބާޒާރުގައި މުދަލުގެ އަގުތައް ހުންނަ ގޮތް ބެލުމަށްޓަކައި ކޮންމެ ދުވަހަކު 164 ބާވަތެއްގެ މުދާ މޮނިޓާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަނގުރާމަ ފެށުނު ފަހުން 39 ދުވަސް ވެފައިވާއިރު، އެއްވެސް އަސާސީ ބާވަތެއް ބާޒާރުން ހުސްވިޔަ ނުދީ ހިފެހެއްޓިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
"ތެލާއި، ކައްކާ ގޭސް، ހަނޑޫ، ހަކުރު، ފުށް އަދި އަސާސީ ބާވަތްތަކުގެ ތެރޭގައި ހިމެނޭ 26 ބާވަތެއް ހުސްވިޔަ ނުދީ މިހާތަނަށް ވަނީ މެނޭޖްކުރެވިފައި،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މުދާ ލިބުމުގައި ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންނަށް ދަތިނުވާނެހެން ކަންކަން އިންތިޒާމު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


