Tuesday, 28 July 2026
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު ވެސް އެ މަގާމުން ވަކިކޮށްފި

އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) މިއަދު އެ މަގާމުން ވަކިކޮށްފިއެވެ. މި ނިންމުން ނިންމަވާފައިވަނީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ.

ވަހީދަށް ފޮނުއްވި ސިޓީގައި ގަޕޯ ވިދާޅުވެފައިވަނީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގެ ދަށުން ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވުމަށް އިދާރީ އަދި މާލީ ޑެޕިއުޓީ ޗެއާޕާސަނުން އައްޔަންކުރުމުގެ ބާރު ލިބިގެންވާ ކަމަށެވެ. އަދި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޑެޕިއުޓީ ޗެއާޕާސަނުން ވަކިކޮށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ބޭފުޅަކު އައްޔަންކުރެވިދާނެ ކަމަށްވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ސިޓީގައިވެއެވެ.

އެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، ޗެއާޕާސަންގެ ނައިބު މަގާމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭނެ ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިނުވާތީ، އެ މާއްދާގެ ދަށުން ވަހީދު މަގާމުން ވަކިކުރީ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް އެ ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ.

މި ނިންމުމާ ގުޅިގެން އިބްރާހިމް ވަހީދު ވަނީ އެކްސްގައި ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މަގާމުން ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި، ވަގުތީ ޗެއާޕާސަން ގަޕޯ "ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ.

އިބުރޭ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާގައިވާ ގޮތުން އިންތިހާބީ މަގާމުތަކަށް އިންތިހާބުވެފައި ތިބޭ ފަރާތްތަކަށް އެމީހުންގެ ދައުރު ހަމަވަންދެން މަގާމުގައި ދެމިތިބެވޭނެއެވެ. އެހެންކަމުން މި ނިންމުމަކީ ގަވާއިދާ ހިލާފު ނިންމުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *